އެއްކަލަ "ޚިޔާލީ ބްރިޖް"



ހުޅުމާލެއާ މާލެ ގުޅުވާލުމަށް އެޅުމަށް ހަމަޖެހިފައިވާ ބްރިޖެއްގެ ވާހަކަ އިވެމުންދާތާ އަހަރުތަކެއްވެއްޖެއެވެ. މި ބްރިޖްގެ ހަޤީޤީ ބޭނުމާ މެދު ސުވާލުއެފެދެއެވެ. އަޅުގަނޑަށް މިހާރު މި މިދެންނެވި ބްރިޖް ސިފަކުރެވިގެން ދަނީ، ކޮންމެ އިންތިޚާބެއްގައި ސިޔާސީ ފަރާތްތަކާ ޢާންމުރައްޔިތުންނާ ގުޅުވާލަދޭ ބްރިޖެއްގެ ގޮތުގައެވެ، ނޫންނަމަ އެދުވަސްވަރު ބޭނުން ކުރެވޭ ސިޔާސީ ޙަތިޔާރެއްގެ ގޮތުގައެވެ.
މިބްރިޖްގެ ވާހަކަ އެންމެ ބޮޑަށް ފެންމަތިވެގެން ދިޔައީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ބޭއްވުނު ރިޔާސީ ބަހުސްގައި އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވެވަޑައިގެން ވައުދަށްފަހުއެވެ. ނަމަވެސް އެދުވަހު ވައުދުވެވަޑައިގެން އިރު އޭގެ ފަސްއަހަރުކުރިން 2003ވަނަ އަހަރު ވާދަވެރިންތަކެއް ނެތް އިތިޙާބުގައި ކެމްޕޭނު ކުރެއްވުމަށްވެސް  ބްރިޖުގެ ކުރެހުމާ މައުމޫނުގެ ފޮޓޯ ޖަހާފައިވާ މާސިންގާ ބިލްބޯޑެއް މާލޭ އިރުދެކުނު ފަރާތު ކަންމަތީގައި ބެހެއްޓިއެވެ. އެދުވަހުން ފެށިގެން 2008އާ ހަމައަށް އާދެވުނު އިރުވެސް ހުވަފެން ދެކެމުން ދިޔަ ރައްޔިތުންގެ ހުވަފެން ހަޤީޤަތަކަށް ނުވިއެވެ.
2004ވަނަ އަހަރުގެ ކުރީކޮޅު ސަރުކާރުން ވަނީ ވިޔަފާރީގެ އުސޫލުން ބްރިޖެއް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައްވާފައެވެ. މުއްދަތު ހަމަވިއިރު 20 ފަރާތަކުން ކުރިމަތި ލާފައިވާއިރު، ދެން އަނެއްކާވެސް މަސައްކަތް ހުއްޓިގެން ދިޔައީއެވެ. 2005ވަނަ އަހަރުގެ 365 ދުވަސް ނިމިގެން ދިޔައިރު ބްރިޖްގެ ޓަވަރުތައް ބެހެއްޓުމަށް ބިންގަނޑުގައި ވަރުހުރިތޯ ބެލުމަށް "ޚިޔާލު" ކުރެވުނީއެވެ. އަހަރު ނިމިގެން ދިޔައިރު މީގެ އެއްވެސް މަސައްކަތެއް ކުރެވިފައެއްނުވެއެވެ. 2006ވަނަ އަހަރަކީ މި ބްރިޖްގެ ހުވަފެންތައް ވެއްޔާމޮޑެވިގެން ދިޔަ އަހަރެވެ. އެއީ އެއަހަރު ސަރުކާރުން ބްރިޖް އެޅުމަށް އެއްވެސް ކަމެއްކުރެއްވުމަށް ރާވާފައި ނުވާ ވާހަކަ އިޢުލާން ކުރެއްވުމާއެކީއެވެ.
2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ބްރިޖްގެ ވާހަކަ އޮބެމުން ދިޔައެވެ. އިންތިޚާބު ކާމިޔާބުރެެއްވީ މުހަންމަދު ނަޝީދެވެ. ދެން އިވެމުން ދިޔައީ ފްލެޓްތަކެއްގެ ވާޙަކަތަކެކެވެ. ނަމަވެސް އޭގެ 3 އަހަރު ފަހުން، 2011ވަނަ އަހަރުގެ ޑިސެމްބަރުމަހު، މާލޭގެ ތޮއްޖެހުމަށް ޙައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމަށް ނަޝީދު ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އެއީ 2011ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން، މިކަމާ ބެހޭގޮތުން ދިރާސާތަކެއް ކުރުމަށްފަހުއެވެ. ނަމަވެސް މިކަން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރެވޭގޮތެއް ނުވިއެވެ. އޭގެ މާގިނަދުވަސްތަކެއް ނުވެ 2012 ފެބްރުއަރީ 7ވަނަ ދުވަހު "ބަޤާވާތަކުން" ނުވަތަ އަމިއްލަފުޅަށް "އިސްތިއުފާ" ދެއްވުމާއެކީ، ވެރިކަން ބަދަލުވެގެން ދިޔައެވެ. (ކޯނީ ރިޕޯޓް ޤަބޫލެއް ނުކުރެވޭ) އޭރުގެ (ނަޝީދުގެ ވެރިކަމުގައި) ނައިބުރައީސްގެ މަގާމުގައި ހުންނެވި ޑރ.ވަހީދު ރައީސްކަމުގެ ހުވާ ކުރެއްވިއެވެ. އެއަށްފަހު އަނެއްކާވެސް އޭގެ 3 މަސްފަހުން، 2012ވަނަ އަހަރުގެ މެއި މަހު ބްރިޖްގެ ވާހަކަ އިވެން ފެށިއެވެ. ނަމަވެސް އެއީ 2004 ވަނަ އަހަރުވެސް އިވުނު މިއުޒިކެވެ. ފުރުސަތު ހުޅުވާލި ވާހަކައެވެ. 18 ފަރާތެއް ކުރިމަތިލުމުން 10 ފަރާތެއް ޝޯޓް ލިސްޓު ކުރަމުން ދާ ވަހަކައެވެ. އެހާކުރީގެ ރާގުތަކެއް އިވުމުން އަޑުއެހުންތެރިންނަށް ކަމުގޮސްދާނެބާވައެވެ ؟ މީ އެބޭފުޅުންވެސް ސަމާލުވެލައްވާނެ ކަމެއްކަން ޔަޤީނެވެ. އެހެން ކަމުން މަސައްކަތް ކުރައްވަމުން ގެންދެވީ 2013ގައި މަސައްކަތް ފެށޭ ވަރު ކުރެއްވުމަށެވެ. އެގޮތުން ސެޕްޓެމްބަރުމަހު، މިމަސައްކަތް މާގިނަދުވަހެއް ނުވެ ފެށިގެން ދާނެކަމަށް އިޢުލާންކުރެވުނެވެ.
އާދެ، މީ 2013ވަނަ އަހަރެވެ. ރިޔާސީ އިންތިޚާބު ކުރިއަށް ދާނެ އަހަރެވެ. މިކަމަށް މާގިނަ ދުވަސްތަކެއް ނެތްކަމުން ކޮންމެ ފަރާތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން ރުއްސުމަށްޓަކައެވެ. މިދިޔަ ބުދަދުވަހު (9 ޖެނުއަރީ 2013) ގައި މިބްރިޖު އެޅުމަށް ބޭނުންވާ ފައިސާ (150 މިލިއަންޑޮލަރު) ހޯދުމަށް ތުރުކީގެ ބެންކަކާ މަޝްވަރާ ކުރެވެމުންދާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. މިފަހަރު މިދައްކަމުންދާ ހުވަފެންތައް ހަޤީޤަތަކަށް ވެދާނެ ބާވައެވެ ؟ ނުވަތަ ލޯނު ލިބޭ ވަރުވާނީ 2018 އަށް ބާއެވެ.
މިހުރިހާ ދަޅަތަކެއްގައިޖެހިގެން ވޯޓުކަރުދާސްކޮޅު ވިއްކާލާނީ ކިތައް ބޭފުޅުންބާއެވެ. މިއީ މިއަދުވެސް އަދި ކުރިންވެސް ހަމަ ދައްކަމުން ދާ ޚިޔާލީ ވާހަކަތަކެކެވެ. 10 އަހަރު ވީ އިރުވެސް މީ ހަމަ ޚިޔާލީ ބްރިޖެކެވެ.


No comments: